އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލު ﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ބަސްފުޅެއްގެ މާނާގައި ވެއެވެ. ” މީހަކު އޭނާގެ ހަށިގަނޑުގައި ހުރި ޒަޚަމެއްގައި އުފެދުނު ކެކުޅުމާއި ވޭނެއްގެ ސަބަބުން އޭނާ އަމިއްލައަށް މަރުވީއެވެ. ފަހެ، މާތް ﷲ ބަސް ވަޙީ ކުރެއްވިއެވެ. ތިމަން ރަސްކަލާނގެ ނިޔާފުޅަށްވުރެ ތިމަން ރަސްކަލާނގެ އަޅާ އޭނާގެ ނަފުސު ހަލާކު ކޮއްލުމުގައި އަވަސްވެގެންފިއެވެ. އޭނާގެ މައްޗަށް ތިމަން ރަސްކަލާނގެ ސުވަރުގެ ޙަރާމް ކުރެއްވީމެވެ. “
ނަފުސަށާއި ފުރާނައަށް ގެއްލުންވާފަދަ ހުރިހާކަމަކުން ދުރުހެލިވުމަށް، ނަފުސާއި ފުރާނައިގެ ވެރިރަސްކަލާނގެ އަންގަވައެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ” އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފުސުތަށް ހަލާކުގެ ތެރެއަށް އެއްލައި ނުލާށެވެ. ” ކަންމިހެން އޮތްކަމުގައި ވީނަމަވެސް މި ޢަމަލަކީ ދުނިޔޭގައި ދުވަހުން ދުވަހަށް އިތުރުވަމުންދާ
ޢަމަލެކެވެ. އަދ މަދުން ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ތަކުރާރުވަމުންދާ ކަމެކެވެ. މާތް ﷲ އުފެއްދެވި އެންމެ މާތް މަޙުލޫގު ކަމުގައިވާ އިންސާނާ މިކަން ކުރަނީ ކީއްވެހެއްޔެވެ؟
އިންސާނުން ރެއާދުވާލު މަސައްކަތް ކުރަމުންދަނީ ނަފުސަށާއި ފުރާނައަށް އަރާމާއި ހަމަޖެހުން ހޯދައިދިނުމަށެވެ. ދުނިޔޭގައި ހޭދަކުރާ ފަޅިސިކުންތެއްވެސް ހިތްހަމަޖެހުމުގައި ގުނާލުމަށެވެ. ދިރިއުޅުން ބާއްޖަވެރި ކުރެވޭތޯއެވެ. ނަމަވެސް މިކަންތައް ޙާސިލު ކުރުމުގައި ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިއްޖެ ނަމަ، ހިތުގައި އީމާންކަމެއް ނުވާ އިންސާނާ ހުރިހާކަމަކަށްމެ މާއްދިއްޔަތުގެ ކަނު ލޮލަކުން ބަލައި އޭނާގެ ލޯބިވާ ނަފުސާއި ފުރާނަ އަމިއްލައަށް މަރާލައެވެ. ޝުކުރު ކުރަންޖެހޭ، އަޅުކަންކުރަން ކުރަންޖެހޭ ފަރާތެއްވާކަން ހަނދާން ނައްތާލައެވެ.
މިފަދަ ޙާލަތުގައި މުއުމިނުންގެ ޢަމަލުތަށް ވަރަށް ތަފާތެވެ. ހިތާމައާއި ހިތްދަތިކަން ލިބެމުން ދާނަމަ މުއުމިނުން ކެތްތެރިކަން އިސްކުރެއެވެ. މާތް ﷲ އަށް ވަކީލުކުރުންމަތީ ދެމި ތެބެއެވެ. މާތް ރަސޫލާގެ ޙަދީޘް ބަސްފުޅެއްގެ މާނާގައި ވެއެވެ. ” މުއުމިނުންގެ ކަންތަކާމެދު ޢަޖާއިބުވަމެވެ. ހަމަކަށަވަރުން އޭނާގެ ހުރިހާ ކަމެއްގައި ވަނީ ހެޔޮކަމެވެ. އޭނާއަށް އުފާވެރިކަމެއް ދިމާވެއްޖެނަމަ އެކަމަކަށް އޭނާ މާޔް ﷲ އަށް ޝުކުރުވެރި ވެއެވެ. ފަހެ، މިކަންވަނީ އޭނާއަށް ހުރި ހެޔޮކަމެއް ކަމުގައެވެ. އަދި އޭނާއަށް ހިތާމަވެރިކަމެއް ދިމާވެއްޖެނަމަ އެކަމަކަށް އޭނާ ކެއްތެރި ވެއެވެ. ފަހެ، މިކަންވަނީ އޭނާއަށް ހުރި ހެޔޮކަމެއް ކަމުގައެވެ. “
އެހެންކަމުން ދިރިއުޅުމުގެ ހަޤީޤީ އުފަލާއި ހިތްހަމަ ޖެހުން އެދޭނަމަ ރަޙުމާނުވަންތަ އިލާހާއި އިންސާނާއާއި ދެމެދުގައިވާ ރޫޙާނީ ބާރު ވަރުގަދަކުރާށެވެ. ކަލާނގެ ހަނދުމަ ކުރާށެވެ. ފުރިހަމަ މާނާގައި އީމާންވާށެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ” އެކަލާނގެއީ މުއުމިނުންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެބައިމީހުންގެ އީމާންކަމުގެ މައްޗަށެވެ. އެބައިމީހުންނަށް އީމާންކަން އިތުރުވުމަށްޓަކައެވެ. އުޑުތަކާއި ބިމުގެ ލަޝްކަރު މިލްކުވެގެންވަނީ ﷲ އަށެވެ. މޮޅަށް ދެނެވޮޑިގެންވާ ޙަކީމުވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެން ވެއެވެ. ” ( ނިމުނީ )
