މިފަހަކަށް އައިސް ސަރުކާރު ހިންގާ ފަރާތައް ނިސްބަތްވާ ބައެއް ފަރާތްތަކުން ޢަދާލަތުޕާޓީގެ ފަރާތުން ސަރުކާރުގައި ހިމެނޭ ބޭފުޅުންނަށް ނިސްބަތްކޮށް ނޭދެވޭ ވާހަކަތައް ދެއްކުމާއި އިސްތިޢުފާގެ އަޑު އުފުލަމުންދާ ކަމަށްބުނެ އެކަންކަމަށް ރައްދުދިނުމުގެ ގޮތުން އދާލަތުޕާޓިގެ ރަސްމީވެބްސައިޓްގައި ލިޔުމެއް ޝާއިއުކޮށްފިއެވެ.
އަދާލަތުޕާޓީގެ އިސްވެރިއެއްގެ ޤަލަމުންކަމަށް ބުނެ މިއަދު ޝާއިއުކޮށްފާވާ މިލިޔުމުގައި މިކަމާގުޅިގެން އަދާލަތުލަތުޕާޓީން ބުނާނީ ޢަދާލަތުޕާޓީގެ އެއްވެސް ބޭފުޅަކު ސަރުކާރުން އިސްތިޢުފާދޭން ނުޖެހޭނެކަމަށާއި، އެވަޒީފާތަކަކީ އިސްތިޢުފާއަށް ގޮވާ މީހުންގެ ފަރާތުން ޞަދަޤާތެއްގެ ގޮތުގައި ދެވިފައިވާ ވަޒީފާތަކެއްނޫންކަމަށެވެ. އަދި ތަނބަކަކަށް ލާފައި ދެވުނު ހަދިޔާއެއް އެއްވެސް ނޫންކަމަށާއި، އެއީ ރައްޔިތުންގެ ނިންމުމެއްކަމަށްވެސް މިލިޔުމުގައި ބަޔާންކޮށްފާވެއެވެ.
އާދެ! ޢަދާލަތުޕާޓީ އަކީ އަމިއްލަ މަޞްލަޙަތަށްވުރެެ ޤައުމުގެ ކަންކަން އިސްކުރާ ޕާޓީއެއްކަމަށާއ، ބަނގުރަލުގެ މައްސަލައިގައި ޕާޓީގެ ފަރާތުން ސަރުކާރަށް ފާޑުކިއުން ރައްދުވެގެން ދިޔައީ ޞުލްޙަވެރިކަމާއެކު އެކަން ޙައްލުކުރުމަށް ކުރެވުނު އެންމެހާ މަސައްކަތްތައް ސަރުކާރުން އަޑުނޭހެމުންކަމަށްވެސް މިލިޔުންކުރިއަށް ގެންދަމުން ލިޔެފައިވެއެވެ. ދެތިން މީހެއްގެ މަޞްލަޙަތައްޓަކައި ދައުލަތުގެ ޤާނޫނުތަކާއި ޤަވާޢިދުތައް ބަދަލުކުރަން ފެށުމުން މުޒާހަރާއަކަށް ގޮވާލީކަމަށާއި، އެހެންނަމަވެސް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ، ނުވަތަ ސަރުކާރުގެ އިސްތިޢުފާއަކަށް ނުގޮވާކަމަށާއި، ދައުލަތާ އިދިކޮޅު ޙަރަކާތެއް ވެސް ނުހިންގާކަމަށާއި، ދައުލަތުގެ މުއައްސަސާއަކަށް ގެއްލުމެއް ނުދޭކަމަށާއި، އަލިފާން ބޯޅައެއް ވެސްނުއުކާކަމަށާއި، އަދި ހަޑިހުތުރު ބަހުން ސަރުކާރާ މުޚާޠަބް ނުކުރާކަމަށްވެސް މިލިޔުމުގައި ބަޔާންކޮށްފާވެއެވެ.
އެހެނެއްކަމަކު އެއީ ޙައިރާންކުރުވަނިވި، ޞުލްޙަވެރި އީމާންތެރި އެއްވުމެއްކަމަށާއި، މުޅި ރާއްޖޭގައި އެއް އަޑަކުން އެއްވަގުތެއްގައި ބަނގުރާ އަށް ނޫނެކޭ ބުނެ މުޅި ދުނިޔެ ސިއްސުވާލަންޖެހުނީ އެކަމަށް ނިކުންނާނީ ހައެއްކަ މުއްލާއިންކަމަށް ދެކި މަލާމާތްކުރުމުގެ މަސްތުގައި ޣަރަޤުވެފައިވާ މީހުން އެކަމަށް އިންތިޒާރުކޮށްކޮށް ތިއްބާކަމަށްވެސް މިލިޔުމުގައި ލިޔެފައިވެއެވެ. އަދިވެސް އެފަދައިން ނިކުންނަން ޖެހިއްޖެ ހިނދެއްގައި ނިކުންނާނެކަމަށާއި، ފަޟީލަތުއްޝައިޚު އިލްޔާސް ޙުސައިންމެން ފަދަ ޤައުމުގެ މުހިންމު ޝަޚްޞިއްޔަތުތަކަށް ފުރައްސާރަކުރުމާއި ޤައުމީ މަހާސިންތާގެ ނިންމުންތަކާ ތަޢާރުޟްވާ ގޮތައް ޤައުމީ މަންހަޖާ ކުޅެހެދުމާއި، ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން ޙާލުގައި ޖެއްސުމާއި، ދިވެހިރާއްޖޭގެ އާދަކާދައިގައި ސާބިތުވެފައިވާ ހެޔޮކަންކަން ބަދަލުކުރުމާއި، އިންސާނީ ޙައްޤުތަކާއި ބައިނަލް އަޤުވާމީ މުޢާހަދަތަކާއި، އ.ދގެ ޤަރާރުތަކަށް ފުރަގަސްދީ މުސްލިމުންގެ މުޤައްދަސް މިސްކިތް އަލްމަސްޖިދުލްއަޤްޞާއަށް އިހާނެތިކޮށް ހިތައި ޙައްދުފަހަނައަޅާފައިވާ ޒަޔަނިސްޓުންގެ ދައުލަތަށް ދިވެހިރާއްޖެއިން ޖާގަ ދިނުމާއި ސާނަވީ މަރްޙަލާގައި އެހެން ދީންތައް ކިޔަވާދިނުމާއި، ޤާނޫނު އަސާސީގައި ބަޔާންވެގެންވާ އިސްލާމީ އުޞޫލުތަކާ ފުށުއަރާގޮތައް ވެރިކަން ހިނގަންވެއްޖެ ނަމަ، އެއީ އަދާލަތުޕާޓީއަށް ޤަބޫލުކުރެވޭނޭ ކަމެއްނޫންކަމަށްވެސް މިލިޔުމުގައި ލިޔެފައިވެއެވެ.
މިލިޔުން ނިންމާލަމުން ލިޔެފައިވަނީ ސަރުކާރު ހިންގާ ޕާޓީގެ މެނިފެސްޓޯއާއި ޙާލުގެ ދުލުން ބަޔާންކުރެވެމުންދާ ޤައުމީ ޙަޔާތުގެ ކަންކަމާ ހުރީ ކިހާވަރެއްގެ ދުރުގާތްކަމެއްތޯ ބުއެްދީގެ އަހުލުވެރިންނަކަށް އޮޅިފައިނެތްކަމަށެވެ.
