ލަންދޫ ކައުންސިލަރަށް ލަފާދޭ ކޮމިޓީގެ ކުއްލިބައްދަލުވުމެއް ރޭ ލަންދޫ އޮފީހުގައި ބާއްވައިފިއެވެ. މިއީ ލަންދޫގެ ސިނާޢީސަރަޙައްދުން ބިންދޫކުރުމާއި ބެހޭގޮތުން ލަންދޫ އޮފީހާއި ، ނ.އަތޮޅުއޮފީހާއި، އަދި އުތުރު ޕްރޮވިންސް އޮފީސް ގުޅިގެން އެކުލަވާލައިފާވާ ޤަވާޢިދު ފާސްކުރުމަށް ޓަކައި ބޭއްވި ބައްދަލުވުމެކެވެ.
ކައުންސިލަރ ރަށުގައިވެސް ނެތި މިހާ ކުއްލިގޮތަކަށް މިބައްދަލުވުން ބާއްވަން ޖެހުނީ ކީއްވެތޯ ލަފާދޭ ކޮމިޓީގެ ނައިބްރައީސް އަލްފާޟިލް ފަރުހާދު ހުސެއިން އާއި ލަންދޫއިންފޯގެ ފަރާތުން އަހާލުމުން އެބޭފުޅާ ބުނުއްވީ އެއީ ކައުންސިލަރ މަޖުދުﷲ ޕްރޮވިންސް އޮފީހުގައި ހުންނަވާފާ ވަރަށް އަވަހަށް ބައްދަލުވުމެއް ބާއްވައި ދިނުމަށް އެދިވަޑައިގަތުމުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
ޤަވާޢިދެއް އެކުލާވާލުމުގެ ކުރިން ލަންދޫގެ ސިނާޢީ ސަރަޙައްދުން ބޮޑެތި ސިނާޢީ މަސައްކަތްތަކަށް ބިންކުއްޔަށްދޫކޮށްފާވާ މިދަނޑިވަޅުގައި ބޭއްވި މިބައްދަލުވުމުގައި ހުށަހެޅިގެން ދިޔަ ބިމާބެހޭ ޤަވާޢިދުގެ ދެލިކޮޕީ އަށް ކުދި ކުދި އިސްލާޙް މެމްބަރުން ހުށަހަޅާފައިވެއެވެ. އެހެންކަމުން ރޭގެ ބައްދަލުވުމުގައި އެޤަވާޢިދު އަދިވަނީ ފާސްނުކުރެވި ކަމަށްވެސް ކޮމިޓީގެ ނައިބްރައީސް މަޢުލޫމާތު ދެއްވަމުން ބުނުއްވިއެވެ. އެހެން ކަމުން އިސްލާޙްކުރެވުނު ބައިތައް ހިމަނައިގެން މިއަދުގެ ވަގުތެއްގައި ޤަވާއިދު އިސްލާޙްކުރުމަށް ކޮންމެ މެމްބަރަކަށްވެސް އެޤަވާޢިދުގެ ކޮޕީއެއް ފޮނުވާނެކަމަށްވެސް އޭނާވިދާޅުވިއެވެ. ރޭގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ފަރުހާދު ހުސެއިން މިއަދު މިކަމާގުޅޭގޮތުން ފޯނުން ވާހަކަދައްކަވަމުން ބުނުއްވީ މިއަދުގެ ކޮންމެވެސް ވަގުތެއްގައި ޤަވާޢިދު ފާސްކުރައްވާނެކަމަށެވެ. އެކަމަކު ޤަވާޢިދު ފާސްކުރުމަށް އިތުރު ބައްދަލުވުމެއް ނުބާއްވާވާނެކަމަސްވެސް އޭނާ ބުނުއްވިއެވެ.
ލަންދޫގެ ބިން ބޭނުންކުރާނެ ގޮތުގެ ޤަވާޢިދެއް އެކުލަވާލެވިފާ ނެތުމުގެ ސަބަބުން ލިޔެސްކޯޕަރޭޓިވްސް އަށް އެމީހުންގެ ތެލުގެވިޔާފަރި ފުޅާދާއިރާއެއްގައި ހިންގުމަށް ފެށުމަށް އުޅޭ ބޮޑުމަޝްރޫޢުގެ މަސައްކަތްވެސް މިވަނީ ފެށޭގޮތް ނުވެފައެވެ. ލިޔެސްކޯޕަރޭޓިވްސްއަށް ސިނާޢީ ސަރަޙައްދުން ދޫކޮށްފާވާ 100 ފޫޓް ، 50 ފޫޓް ގެ ބިންވެސް ރަސްމީކޮށް ޙަވާލުނުކުރެވިގެން މިއުޅެނީ މިޤަޥާޢިދު ފާސްނުވާތީކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މިފަދަ ބޮޑެތި ކަންކަން ނިންމުމުގައި ރަށުގެ އެންމެ އިސްފަރާތް ( ކައުންސިލަރ ) ބައިވެރިވެނުލައްވާ މިހާރަކަށް އައިސް އަބަދު ރަށުން ބޭރުގައި އެހުންނަވަނީ ކީއްވެތޯ އަހާލުމުން ލަންދޫއޮފީހުން ނަންހާމަކުރަން ނޭދޭ ބޭފުޅަކު ވިދާޅުވީ ކައުންސިލަރ އެކުރައްވާ ކަމެއް އެނގިވަޑައިގަންނަވާނީ ކައުންސިލަރަށް ކަމަށާއި، ކައުންސިލަރ ރަށުން ބޭރަށް ވަޑައިގަތަސް އޮފީހުގެ ދެންތިބި އެހެނިހެން ވެރިންނަށް ނާންގަވާކަމަށާއި، އެހެން އެކަން ކުރައްވާތީ ރަށުއޮފީހުން ނިންމަންޖެހޭ ރައްޔިތުންނާއި ގުޅުންހުރި ގިނަކަންތައް ނިންމުމުގައި ވަރަށް ބޮޑެތި އުދަނގޫތައް ކުރިމަތިވަމުން ދާކަމަށެވެ. އަދި އެއްވެސް ކަމެއް ނިންމުމުގެ އޮތޯރިޓީސް މިހާރު ކައުންސިލަރ ފިޔަވާ އޮފީހުގެ އެއްވެސް އެހެން ވެރިޔަކަށް ނޯންކަމަށްވެސް ލަންދޫއޮފީހުގެ މިދަންނަވާ މުވައްޒަފު ވިދާޅުވިއެވެ.
