ސަރަޙައްދީ ކަންކަމުގައި ސާކުން އަދާކުރާ ދައުރު ހަރުދަނާ ކުރައްވައި އިތުރަށް ފުޅާކުރެއްވުމަށް ކުރިއަށްއޮތް ސާރކް ސަމިޓްގައި މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސް މުޙައްމަދު ނަޝީދު މިހެންވިދާޅުވީ ސޯޅަވަނަ ސާރކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ބޫޓާނަށް ފުރާވަޑައިގަތުމުގެ ކުރިން ރަސްމީ ފާލަންދޮށުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ މީގެކުރިން ފެނިފައިވަނީ އެދެވޭ ބާރު މިނެއްގައި ސާކުގެ މަސައްކަތްތައް ކުރެވިފައިނުވާތަން ކަމަށާއި އެހެން ކަމުން މިކަމަށް ހައްލެއް ގެންނާނެ ގޮތެއް ސާރކްގެ މެންބަރު ގައުމްތަކުގެ ވެރިންނާއި ވާހަކަދައްކަވައިގެން ހޯދަވާނެ ކަމަށެވެ.
މީގެ އިތުރުން ސާރކްގެ ސެކެރެޓަރީ ޖެނެރަލްއަކަށް ބޭފުޅަކު އައްޔަން ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާއިރު ރައީސް ނަޝީދު ވިދާޅުވީ މިކަމަށް ގާބިލް އަންހެން ބޭފުޅަކު ހޮއްވަވާނެ ކަމަށާއި ސަމިޓްގައި އެބޭފުޅާނެ ނަން އިއުލާން ކުރައްވާނެ ކަމަށެވެ.
ޚަބަރު : ވީއޯއެމް ވެބްސައިޓުން
